ރަސްމާލެ ހިއްކުމަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ސަލްޓަން ޕާކުގައި މިރޭ ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކަން ފެށުނުއިރު އެކަމަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ކުރިން ދަންނަވާފައިވާނެ ކަމަށާއި އެގޮތަށް އޭރު ހިސާބު ހެދީ ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ކޮށްފައިވާ ހަރަދަށް ބެލުމަށްފަހު ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއިރު، ވީހާވެސް ހަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ގާތްގަނޑަކަށް ރަސްމާލެ ހިއްކުމަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
”މާނައަކީ މުޅި ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށްޓަކާ ދައުލަތުން ހަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 330 މިލިއަން ޑޮލަރޭ. އޭގެ 500 ހެކްޓަރަށް ބަލައިފިނަމަ އެއީ 160 މިލިއަން ޑޮލަރުވަރު،“ މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ސިޔާސީ އެކި ފަރާތްތަކުން ރަސްމާލެ ހިއްކުމަށް ދައުލަތުން 700 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

