ސިނަމާލެ ފްލެޓްތައް އަމިއްލަ ކުރަން ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހިފައި އޮތް ޖޫރިމަނާ މާފު ކޮށްދެއްވި ކަމަށްޓަކައި ވިިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ ސަރުކަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

Ads by Asuru

ސިނަމާލެ4ގެ ފްލެޓްތަކުގެ ވެރިން ޖޫރިމަނާގެ ގޮތުގައި ފަސްލައްކަ ސާޅީސްހާސް ނުވަ ސަތޭކަ ސާޅީސް ފަސް ރުފިޔާ ދައްކަން ޖެހިފައި އޮތްއިރު، ފިނޭންސް މިނިސްޓްރީން މިމަހުގެ 20 ވަަނަ ދުވަހު ވަނީ، ޖޫރިމަނާ މާފުކޮށްދެއްވިކަން އަންގަވައިފައެވެ.

މިކަމާ ގުޅިގެން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަހުލާ ވިދާޅުވީ ވިލިމާލޭގެ ސިނަމާލެ ފްލެޓް ހަތަރެއްގެ 33 އާއިލާއެއްގެ ހައްގުގައި އޭނާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

”މި މަސައްކަތް ކުރުމުގެ ތެރެއިން، ޕީޕީއެމްގެ 8 މަސް ދުވަހުގެ ސަސްޕެންޝަަނަކަށްވެސް އަޅުގަނޑު ދާން ޖެހުނު. ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ލިބުމުން، އެކަމާ އަޅުގަނޑު އުފާކުރަން. ޖޫރިމަނާ މާފު ކޮށްދެއްވި ކަމަށްޓަކާ ސަރުކާރަށް އަޅުގަނޑު ޝުކުރު ދަންނަވަން.“

ފާއިތުވި 18 އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުންވެސް، އެއްވެސް ހައުސިން މިނިސްޓަރަކުވެސް، މަޖިލިސް މެމްބަރަކުވެސް، އަދި ކައުންސިލަރަކުވެސް މި މުހިންމު މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނަހުލާ ވަނީ މިކަމުގެ އުފަލުގައި މާދަން ހަވީރު ފްލެޓްތަކުގެ ވެރިންނަށް ހާއްސަ ސައިފޮދެއް ދެއްވުމަށްވެސް ނިންމަވައިފައެވެ.

ޖޫރިމަނާއެއް ނެތި، ސިނަމާލެ 4ގެ ފްލެޓުތައް އަމިއްލަ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން އަންނަ ހަފްތާގައި ފެށޭނެއެވެ.

މާލެ ސިޓީ ކައުންސިލުގެ މި ދައުރުގެ 77 ވަނަ ރަސްމީ އާންމު ޖަލްސާގައި، މޭޔަރު ޑރ.މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ފްލެޓްތަކުގެ ވެރިން ދައްކަން ޖެހިފައިވާ ޖޫރިމަނާގެ ފައިސާ މާފު ކޮށްދިނުމަށް އެދި މާލެ ސިޓީ ކައުންސިލުން ފެށި މަސައްކަތުގެ ތެރެއިން، އެންމެ ފުރަތަމަ ފެށީ ސިނަމާލެ ފްލެޓްތަކގެ މަސައްކަތް ކަމަށެވެ.

ކުރިއަށް އޮތީ ސިނަމާލެ 1،2،3 އަދި މާލެ ހިޔާ 1، އަދި 2ގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.