2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމެވި ގޮތަށް 65 މެންބަރުންގެ ވޯޓުން ފާސްކުރައްވައިފިއެވެ.
ބަޖެޓު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް 23 އިސްލާހު ފޮނުއްވާފައިވެއެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވަނީ އެ އިސްލާހުތަކުގެ ތެރެއިން 7 އިސްލާހެވެ. އަދި، އެ އިސްލާހުތަކުގެ ތެރެއިން 1 އިސްލާހު ވަނީ އަނބުރާ ގެންދަވާފައެވެ.
މި 6 އިސްލާހަށް ވޯޓަށް އައްސަވައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތު ނުލިބުމުގެ ސަބަބުން އެ އިސްލާހުތައް ފާހެއް ނުވިއެވެ.
މިއަދުގެ ޖަލްސާގައި، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް 9 މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބްއާ ސުވާލު ކުރެއްވުން އޮތެވެ.
މާވަށު ދާއިރާގެ މެންބަރު ވަނީ، ލ. ކުނަހަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް އެއްވެސްވަރަކަށް ކުރިއަށް ނުދާތީ، މި މަސައްކަތް އަލުން ފަށައި، އަދި ނިންމޭނެ ތާރީހަކީ ކޮބާތޯއާއި، ލ. މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައި، އަދި ނިންމެނޭ ތާރީހަކީ ކޮބާތޯ ސާފުކޮށްދެއްވުން އެދިވަޑައިގެން ހައުސިން މިނިސްޓަރާ ސުވާލުކުރައްވާފައެވެ. މިނިސްޓަރާކުރެއްވި ސުވާލުތަކަށް މިނިސްޓަރާ ޖަވާބު ދެއްވައި، އަދި، އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށްވެސް މިނިސްޓަރު ޖަވާބުދެއްވިއެވެ.
މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުންވަނީ އިއްވަވާފައެވެ.
އަދި، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހަޅުއްވާފައިވާ، ނަފްސާނީ ސިއްހަތުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދެވުނެވެ.
މި ބިލަށް ބަހުސްގެ ކުރުމުގެ ވަގުތުގައި 3 މެންބަރުން މިބިލާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.





