ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ”ވިނަރެސް“ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފައިވަނީ، ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ’ވިނަރެސް‘ ހައުސިން މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ މައުލޫމާތު ޝާއިއުކޮށްފައިވާކަމަށެވެ.
މި ފްލެޓްތަކަށް 1،413 ފަރާތަކުން ފޯމު ހުށަހެޅިއެވެ. ނަމަވެސް ގިނަ އަދަދެއްގެ ފޯމުތަކުގައި ޑޮކިއުމެންޓް ހަމަނުވާތީ ވަނީ ޝަރުތުހަމަނުވެފައެވެ.
އެޗްޑީސީން ބުނެފައިވަނީ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ޤާބިލުކަން ބެލުމާއި ގުޅޭގޮތުން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
އަދި މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެއް ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެއް ފޯމާއި އެކުކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނެފައިވަނީ މިކަންކަމާއި ގުޅޭގޮތުން އެ ކޯޕަރޭޝަނުން ފޯނުގެ ޒަރިއާއިން ގުޅާނެކަމަށާއި އެގޮތުން ގުޅާނީ ހަމައެކަނި 3353535 ނަންބަރުން ކަމަށެވެ.
އަދި އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް ފަރާތަކަށް މުއާމަލާތެއް ނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
