Ads by Asuru

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެން ދިޔަ މާލެ ސިޓީ ކައުންސިލްގެ ”އެއްލައްކަ ގަސް“ ޕްރޮގްރާމަށް ހައްދާ ގަސްތައް ބެހެއްޓުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމް ކުރެވުނު ނާސަރީ އައުޓްލެޓް ”މާލެ ފެހި“ އާންމުންނަށް ހުޅުވާލުމާއިއެކު، ގަސް ހެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅުތެރޭގެ ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެންފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ ޓީމުން އަތޮޅުތެތޭގެ ދަނޑުވެރިންއަތުން ގަސްތައް ބައްލަވައިގަންނަނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ އުސޫލެއްގެދަށުންކަން ފާހަގަކޮށްލެވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީ އިން އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުތަކުގައި ”މާލެ ފެހި“ އައުޓްލެޓަށް ބޭނުންވާ ގަސްތައް އަތޮޅުތެރޭގެ ދަނޑުވެރިންއަތުން ބައްލަވައިގަތުމަކީ ގަސްހައްދާ ފަރާތްތަކަށް ލިބިގެންދާ ހިތްވަރެއްކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި ދަނޑުވެރިން ސިފަކުރިއެވެ.

”މާލެ ފެހި“ އައުޓްލެޓް.

ކައުންސިލްގެ ގަސް ޕްރޮގްރާމަށް ލިބެމުންދާ ތަރުޙީބާއި ގުޅޭގޮތުން ގަސްކޮމެޓީގެ މުޤައްރިރު މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު  ނާޞިރު ވިދާޅުވީ މި ޕްރޮގްރާމް ފެށިއިރުވެސް މޭޔަރު މުޢިއްޒު އާއި ކައުންސިލްގެ ވިސްނުމަކީ އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް އެމީހުންނަށްވެސް މަންފާވާގޮތަށް މިކަން ކުރިއަށްގެންދިއުން ކަމަށެވެ.

އެކި ލެވެލްގަ ގަސް ހައްދާ މީހުން ރަށްރަށުގަ އެބަތިބި، ވިޔަފާރި އުސޫލުން ވަރަށްފުޅާ ދާއިރާއެއްގަ މަސައްކަތްކުރާ މީހުން އެބަ ތިބި. އެކަމަކު ގިނަ ބަޔަކުމިތިބެނީ އެގަސްތައް ވިއްކޭނެގޮތެއް، މާކެޓް ކުރެވޭނެ ގޮތެއް ނެތިފަ. އެހެންވީމަ އަޅުގަނޑުމެން ފަށައިގަތްއިރުވެސް މިގޮތަށް ރޭވީ

ގަސް ކޮމެޓީގެ ފަރާތުން އއ. ތޮއްޑޫގެ ދަނޑުތަކަށް ޒިޔާރަށްކުރެއްވުން.

ނާޞިރު ވިދާޅުވީ ”މާލެ ފެހި “ ޑިޒައިން ކުރެވިފައި ވަނީ ގަސް ގަންނަ ސެންޓަރެއްގެ ގޮތުގައި ގޮތުގައި ކަމަށާއި، މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީއިން އަތޮޅުތެރޭގެ ރަށްރަށުގަ ގަސްހައްދާ ފަރާތްތަކުގެ އަތުން ބަލްކްކޮށް ގަސްތައް ގަންނަމުންދާކަމަށެވެ. މިއާއިއެކު

ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަދި ބަގީޗާގަސްތައް ހައްދާ ފަރާތްތަކަށްވެސް ވަރަށްބޮޑު އުފަލަކަށް މިކަން ވެގެންދިޔަކަމަށާއި، ދަނޑުވެރިންގެ ވަރަށްބޮޑު ތަޢުރީފެއްމިކަމަށް ލިބި ދަނޑުވެރިން ތިބީ އުފަލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިޒައިން ކުރެވިފައި މިވަނީ އަސްލު ބައިން ސެންޓަރެއްގެ ގޮތުގަ. ރަށްރަށުގަ ގަސްހައްދާ ފަރާތްތަކުގެ އަތުން އަޅުގަނޑުމެން ގޮސް ބަލްކްކޮށްމިގަންނަނީ. ގަނެފަ އަޅުގަނޑުމެން މި މާކެޓްކޮށްލަދެނީ އެކި ދިމަދިމާލަށް. ރިސޯޓްތަކަށާއި، އެހެން ދަނޑުވެރިންނަށްވެސް، އަދި ގަސް ހައްދަން ބޭނުންވާފަރާތްތަކަށް. އަޅުގަނޑުމެން މިކަން ފެށީމަ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އަދި ބަގީޗާ ހައްދާ ފަރާތްތަކަށްވެސް ވަރަށްބޮޑު އުފަލަކަށް މިވީ އިނގޭތޯ. ދަނޑުވެރިންގެ ވަރަށްބޮޑު ތަޢުރީފެއް ލިބި ދަނޑުވެރިން ތިބީ އުފަލުން އިނގޭތޯ. ދަނޑުވެރިން ތިބީ ހެވިފަ

”މާލެ ފެހި“ އައުޓްލެޓަށް ލިބެމުންދާ ޑިމާންޑާއި ގުޅޭގޮތުން އޭނާ ވިދާޅުވީ މި ޕްރޮގްރާމް ފަށައިގަތްއިރު މިވަރުގެ ޑިމާންޑެއް ލިބިދާނެކަމަށް ޤަބޫލުވެސް ނުކުރެވޭ ކަމަށާއި، ޓާގެޓަށްވުރެވެސް ލިބެމުންދާ ތަރުޙީބު ރަނގަޅުކަމަށެވެ.

ޑިމާން އެބައޮތް. ޙަޤީޤަތުގަ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭވަރަށްވެސް އެބައޮތޭ ދެންނެވިދާނެ.ފެށިއިރު އަޅުގަނޑުމެންވެސް ހީކުރީ ވަރަށްބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތި ލާންޖެހޭނެ ކަމަށް. އެކަމަކުވެސް އަޅުގަނޑުމެން ހީކުރިވަރަށްވުރެ މާބޮޑުތަރުޙީބެއް މިކަމަށް ލިބެމުންދަނީ. ޓާގެޓަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅު

”އެއްލައްކަ ގަސް“ ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓް ”މާލެ ފެހި“ އާންމުންނަށް ހުޅުވާލާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 8 ވަނަދުވަހުގެ ރެއެވެ. ”މާލެ ފެހި“ ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

”މާލެ ފެހި“ ހުޅުވައިދެއްވުމަށްފަހު މޭޔަރ މުޢިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ ”އެއްލައްކަ ގަސް“ ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށާއި، މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށާއި،އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުލިބިގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިޔާލިބޭ ބޮޑެތި ގަސްތައް ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިންދާފައެވެ. މިއާއިއެކު މާލެ ވަށައިގެން ކަދުރު ރުއްތައް އިންދުމުގެ މަސައްކަތް 24 މެއިގައި ފެށިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން 200 ކަދުރުރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ އެއްލައްކަ ގަސް ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާއިބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫއެކެވެ.