އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނާތީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ފުލުހުންނާ ބައްދަލުކޮށްފިއެވެ.

Ads by Asuru

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ އެކީ ބޭއްވި ބައްދަލުވުމުގައި އެންމެ އިސްކޮށް އީސީގެ ފަރާތުން ހުންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަލީ ރަޝީދާއި، އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބުގެ އިތުރުން ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި އީސީ މެންބަރުންނާއި ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިލެކްޝަން ކޮމިޝަނުން ފުލުހުންގެ ފަރާތުން ބޭނުންވާ ސެކިއުރިޓީ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.

އަދި ރިޔާސީ އިންތިޚާބުގެ އެކި ކަންކަމުގައި އީސީން ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.