ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ނައިބް ރައީސް މިހެން ވިދާޅުވީ އިސްކަންދަރު ސްކޫލުގެ ”ސްޓެމް ފެއަރ 2022“ ރަސްމީގޮތުން ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ފައިސަލް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ފޮތް ކިޔައިގެން ދަސްވާ ދަސްވުމެކޭ އެއްފަދައިން އެކުދިން އަމިއްލައަށް އުފެއްދުންތައް އުފައްދާ އީޖާދުކުރުން ފަދަ ކަންކަމުގެ ތެރެއިން ކަންކަން އުނގެނުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ކުދިން އަމިއްލައަށް ކަންކަން ކުރުމަށް ފުރުޞަތު ދިނުމުން ދަރިވަރުން ގުޅިގެން މަސައްކަތް ކުރުމާއި މައްސަލަތައް ޙައްލުކުރުމުގެ ހުނަރުފަދަ ގިނަ ހުނަރުތައް ދަރިވަރުންނަށް ލިބިގެންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގިނަ ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ކަމެއްވެސް ކާމިޔާބު ވާނީ ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި ރަނގަޅު ހުނަރުވެރި ދަރިވަރުންތަކެއް ބިނާކުރުމަށް ބެލެނިވެރިންނާއި ސްކޫލްތަކުން އަދި ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.

އިސްކަންދަރު ސްކޫލުގެ ”ސްޓެމް ފެއަރ 2022“ ކުރިޔަށްގެންދަނީ މިއަދު އަދި މާދަމާއެވެ. އެ ސްކޫލުގެ ކީ ސްޓޭޖް 1 އިން ފެށިގެން ކީ ސްޓޭޖް 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި ފެއަރގައި ޖުމްލަ 186 ޕްރޮޖެކްޓް ބައިވެރިކޮށްފައިވާއިރު ފެއަރގައި ބައިވެރިކޮށްފައިވާ ގިނަ އީޖާދުތަކަކީ ދަރިވަރުންގެ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމާއިއެކު ނެރެފައިވާ އުފެއްދުންތަކެކެވެ.