މަރާލާފައިވާ މީހުންނާ ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބެއްލުމަށް މި ސަރުކާރުން އުފެއްދި މަރު ކޮމިޝަން، ކުއްލި ގޮތަކަށް ”ދިރި“، އިދިކޮޅު ލީޑަރަށް ގިނަ ތުހުމަތުތަކެއް ކޮށްފިއެވެ.

Ads by Asuru

މަރު ކޮމިޝަނުން މިއަދު ބުނީ، މިނިވަން ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު މުނާޒް ސީރިއާއަށް ފުރައިގެން ދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމްގެ އެހީތެރިކަމާއެކު ކަމަށެވެ.

އެ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ، ރިލްވާގެ މަރުގެ ތަހުގީގެ ތެރެއިން އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ބައިވެރިވުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުލުހުން، ރިލްވާންގެ މަރުގެ މައްސަލައިގައި ކުރި ތަހުގީގަށް ހައްޔަރުކުރި ބައެއް ފަރާތްތައް ދޫކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާކަން މަރު ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް މިސްބާހް ވިދާޅުވިއެވެ.

މިސްބާހު ވިދާޅުވީ، ރިލްވާން މަރާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް އޮތްކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް ސީރިއާއަށް ފުރުމުގެ ކުރިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭގޮތަށް ރިލްވާން ގަދަކަމުން ކާރަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާ އެކަންކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުންކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

”މި މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒްއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގާ ހުރެގެން އެ މީހުންނާ ބައިވެރިވެ ހަނގުރާމަކުރުމަށް ސީރިއާއަށް ދާން ރެކްރޫޓްކުރަން އުޅުނު ފަރާތެއްކަން ފާހަގަކުރެވޭ،“ މިސްބާހް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގެ ތެރޭގައިވެސް، އެމްޑީޕީން އެންމެ އަޑު ހަރުކޮށް ދެއްކި އެއް ވާހަކަ އަކީ ރިލްވާނަށް އިންސާފު ނުލިބޭ ވާހަކައެވެ. ނަމަވެސް އެ ޕާޓީއަށް ވެރިކަން ލިބުމުންވެސް މިފަދަ މައްސަލަތައް ނުބެލޭކަން އިދިކޮޅު ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.