ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މަރުވެއްޖެއެވެ.

Ads by Asuru

ފުލުހުން ބުނީ ދަންޖެހިފައި ހުއްޓާ ފެނިގެން، ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް މިއަދު 08:28 ހާއިރު މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ. ފައިސަލް މަރުވީ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފައިސަލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.

އުމުރުން 28 އަހަރުގެ ނިޝާމާގެ މަރާއި ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނެވެ.