އާޖެންޓީނާއަށް ފަހުރުވެރި ވޯލްޑްކަޕްގެ ތަށި، 36 އަހަރު ފަހުން، ތިންވަނަ ފަހަރަށް ހާސިލު ކޮށްދިން ކެޕްޓަން ލިއޮނަލް މެސީ، ގައުމީ ފުޓްބޯޅަ ޓީމާއެކު ކުރިއަށްދާން ނިންމިކަން ހާމަކޮށްފިއެވެ.

Ads by Asuru

ރޭ ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ވޯލްޑްކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލި ކުރުމަށް ފަހުގައި އުމުރުން 35 އަހަރުގެ ކެޕްޓަން މެސީ ބުނީ އޭނާގެ ފުޓްބޯޅައިގެ ޙަޔާތުގައި ހުރިހައި ކާމިޔާބެއްވެސް ލިބުނު ކަމަށާއި، ނުލިބި އޮތް ވޯލްޑް ކަޕް ޓްރޮފީވެސް ލިބިއްޖެ ކަމަށެވެ.

އެހެންކަމުން، އޭނާ އެދެނީ އަދިވެސް އާޖެންޓީނާގެ ގައުމީ ޓީމުގައި ”ޗެމްޕިއަނުން“ގެ ގޮތުގައި ކުޅެން ކަމަށްވެސް ބުންޏެވެ. ނަމަވެސް މެސީ ވަނީ ފީފާ ވޯލްޑްކަޕް ގަތަރު 2022 އަކީ، އޭނާގެ ފަހު ވޯލްޑްކަޕް ކަމަށް ބުނި ބުނުން ތަކުރާރު ކޮށްފައެވެ. މާނަ އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނަސް، ދެން މެސީއެއް ވޯލްޑް ކަޕަކުން ނުފެންނާނެއެވެ.