ސިނަމާލެ ބްރިޖްގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓުވި މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެއެވެ.

Ads by Asuru

ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓްގެ ވީޑިއޯ މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމްގެ އާއިލާ އަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއް ކަމަށެވެ. އަދި އެ ވީޑިއޯ ދައުރު ވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާއިލާ އިން ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

”އެހެންކަމުން އެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ނުކުރުމަށް އެދެން.“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ވީޑީއޯ އާންމުވެފައިވާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.