ޖަޕާނަކީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެ މަނިކުފާން އެހެން ވިދާޅުވީ މިހާރު ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަނާ ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓެކެއި ޝުންސުކެ ރައީސަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކައިގެ ތެރޭގައެެވެ.

ރައީސް ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި ސަރުކާރުން ފާއިތުވި އަހަރުތަކުގައި ރާއްޖެ އަށް ވަރަށް ގިނަ ގޮތުން ގޮތުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ޖަޕާނުގެ ސަރުކާރަށް ޝުކުރު ވެސް އަދާކުރެއްވިއެވެ.

ރައީސާއި ޖަޕާނުގެ ސްޓޭޓް މިނިސްޓަރާ އެކީ ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

އެގޮތުން އިޖްތިމާޢީ، އިގުތިސާދީ ދާއިރާއިންނާއި، ޞަރަޙައްދީ ސަލާމާތާއި ގުޅޭ ގޮތުންނާއި، ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުންބަދަހި ކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ކުނި މެނޭޖްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.