ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފިއެވެ.
ކޯސްޓްގާޑާއި މި ވެސްލް ހަވާލުކޮށް ދެއްވީ މިކަމަށްޓަކައި ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތަކެއި ޝުންސުކެއެވެ.
ޑިފެންސް މިނިސްޓްރީގެ ފަރާތުން އުޅަނދާއި ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އޮއިލް ބޫމް ވެސެލް އަކީ ކަނޑަށް އެޅޭ ތެޔޮ ނެގުމަށް ބޭނުން ކުރާ އުޅަނދެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އޮއިލް ބޫމް ވެސްލް ވެގެންދާނީ ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓެއް ކަމަށެވެ.
މާރިޔާ ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ އެ ގައުމުން ވެދެއްވާ ދީލަތި އެހީތެރި ކަމަށް ޝުކުރު ދަންނަވާފައެވެ.
މާރިޔާ ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.