އިންޑިއާގެ އެފްކޮންސް ކުންފުނީގެ ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ ހިނގާފައި ވަނިކޮށް އަނެއްކާވެސް އެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅޭ ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މުއައްޒަފަކު ވަނީ ގެއްލިފައެވެ. އޭގެ ފަހުން އެ ސަރަހައްދުން މީހެއްގެ ކަށިތަކެއް ފެނިގެން އެތަކެތި ތަހުލީލު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ވެސް ގުޅިފަޅުން ކަށިތަކެއް ފެނިފައިވާ ކަމަށެވެ. އެ ކަށިތައް ފެނުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފު ކުރަނިކޮށް ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.