ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު، އެންމެ ޒަމާންވީ އަދި ރާއްޖެ އަށް އައި އިސްލާހު ބަދަލުގައި ގަދަފަދަ އަށް މަސައްކަތް ކުރެއްވި ބޭފުޅާ ކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، އަދި އެމްޑީޕިގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގައި ހުންނެވައިގެން ފެއްޓެވި އެ މަސައްކަތް ނިންމަވާލެއްވީ ރައީސްކަމުގެ އެންމެ ޝަރަފުވެރި މަގާމަށް ދިޔުމަށްފަހު ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީގެ ފިކުރާއި ވިސްނުން ކުރިއެރުވުމަށް ކުރެއްވި މަސައްކަތަކަށް ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ.

އަދި އެކަމަށް ޝުކުރު އަދާކުރެވޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައީސް ސޯލިހު ވެރިކަމުގައި ބަަހައްޓައިގެން ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

”ގައުމު ބޭނުން ވަނީ ރައީސް ސޯލިހު. މި ގައުމަށް އެންމެ މަންފާ ހުރި، އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ސޯލިހު ވެރިކަމުގައި ހުރުން. އަޅުގަނޑު މިހުރީ ފުރިހަމަ އަށް ރައީސް ސޯލިހަށް ތާއީދުކޮށްގެން.“ އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހް ނިންމަވާފައިވާއިރު ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވާނެއެވެ.