ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ.

Ads by Asuru

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 489 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އުފެއްދެވިކަން އިޢުލާންކުރައްވާ ނެރުއްވި ދެންނެވުމުގައި މި އިދާރާގެ ބޭނުމާއި މަސައްކަތްތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.

”އެ ޑިޕާޓްމެންޓްގެ މައިގަނޑު ޒިންމާއަކީ ނަފްސާނީ ދުޅަ ހެޔޮކަން އިތުރު ކުރުމާއި ނަފްސާނީ ހިދުމަތްތައް ވިލަރެސް ކުރުމާއި ފަންނީ އެހީތެރިކަމާއި ލަފާ ދިނުމެވެ،“ ރައީސް އޮފީހުން ބުނެފައިވެއެވެ.

ނަފްސާނީ ބަލިތައް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އާއްމުވަމުންނެވެ.

އަދި އެކަށީގެންވާ އަދަދަކަށް އެކަމުގެ ޑޮކްޓަރުން ނުތިބޭތީވެ، ފަރުވާ ނުލިބިގެން ގިނަ ބަޔަކު ޝަކުވާކުރެ އެވެ. އައިޖީއެމްއެޗުގައި ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރަށް ދައްކަން ބޮޑު ކިއޫ އެއް އޮވެއެވެ.