އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަނަވަސް ވިސްނުންފުޅާއެކު ދިވެހި ގައުމު ސަލާމަތް ކުރެވޭނެކަމަށް ޔަގީން ކުރައްވާ ކަަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އުފަންދުވަހާ ގުޅިގެން، އެމަނިކުފާނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލު ވިދާޅުވީ އިއްޔެ އެކޭ އެއްގޮތަށް، މިއަދުވެސް ރައީސް ޔާމީންގެ ސަޕޯޓަރުން ތިބީ، އެމަނިކުފާނުގެ ދިފާއުގައި ކަަމަށެވެ.

އަދި ރައީސް ޔާމީނަކީ ތަރައްގީގެ ބާނީ ކަމާމެދުގައި ދެބަސްވުމެއް ނެތް ކަަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އުފަންދުވަހާ ގުޅިގެން ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންގެ އިތުރުން، ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެމަނިކުފާނަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނަށް އުފަންދުވަހުގެ ހެޔޮ އެދުންތައް ފޮނުވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.