ރާއްޖެއިން މަސް ބޭރުކުރި އަދަދު މިދިޔަ އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 69،000 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރު ކުރީ 65،000 މެޓްރިކް ޓަނުގެ މަހެވެ.
ހިސާބުތަކަށް ބަލާއިރު ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ޖުމްލަ އެކްސްޕޯޓް ދަށްވީ ކަންނެލީގެ އެކްސްޕޯޓް ދަށްވުމުންނެވެ.
ކަންނެލި ބޭރު ކުރެވުނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން މަދުންނެވެ.
ތާޒާ އަދި ގަނޑުކުރި މަހުގެ ބާވަތްތަކުގެ ތެރެއިން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން ބޭރުކުރީ ކަޅުބިލަ މަހުގެ ބާވަތެވެ.
އެގޮތުން މި އަހަރު 46،812 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ ބޭރުކޮށްފައެވެ. ނިމިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 45،531.8 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.
