މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހައްޔަރު ކުރި ކުރުމަކީ، މޭޔަރުގެ އަޑު ކަނޑުވާލުމަށްޓަކައި ހިންގި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by Asuru

އެ ކައުންސިލުން މިހެން ބުނީ، އިދިކޮޅު ކޯލިޝަނުން މިރޭ، ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މޭޔަރު މުއިއްޒު ހައްޔަރު ކުރުމާ ގުޅިގެން، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

މޭޔަރު ދޫކޮށްލުމަށް ގޮވާލައި ސިޓީ ކައުންސިލުގެ މުވައްޒަފުން ވަނީ އަތޮޅުވެހި ކައިރީގައި އިހްތިޖާޖުވެސް ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނުގައި ބުނީ މުއިއްޒު ހައްޔަރު ކުރި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާ ހައްގުގެ ތެރެއިން، އަޑު އުފުލުމަށާއި، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން، ޝުއޫރު ފާޅު ކުރަމުން ދަނިކޮށް ކަަމަށެވެ.

”މާލެ ސިޓީ ކައުންސިލުން ގަބޫލު ކުރާ ގޮތުގައި، މިއީ، މޭޔަރުގެ މަގާމަށް ހޮއްވަވާފަ ހުންނެވި މޭޔަރުގެ ބާރު ކަނޑުވާލުމަށްޓަކައި ހިންގާފައިވާ ވަަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ.“ ކައުންސިލުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ މޭޔަރު ހައްޔަރު ކުރި ކުރުމަކީ، ޑިމޮކްރެޓިކް ވެއްޓެއްގައި ކަން ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ، މޭޔަރު ވަގުތުން ދޫކޮށްލުމަށްވެސް ގޮވާލިއެެވެ.