އައްޑޫ ސިޓީ ”ސިއްސުވާލާނެ“ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މަރަދޫ ޔޫތް ސެންޓަރުގެ ބޭރުގައި ޖަހާފައިވާ ލިޔުމެއްގައި ވަނީ އައްޑޫ ސިއްސުވާލާނެ ކަމަށާއި ލޭ އޮހޮރުވުމަކަށް ނުގޮސް އަމާންދިނުމަށް ގޮވާލާފަ އެވެ. އަދި އަހުންތައް ދޫކޮށްލުމަށާއި މިއީ އެންމެފަހުގެ އިންޒާރު ކަމަށްވެސް ލިޔުމުގައިވެއެވެ. އެ ލިޔުމުގައި އައިއެސް ޖަމާއަތުގެ ދިދަ ކަމަށް ބެލެވޭ ނިޝާނެއް ބޭނުންކޮށްފައިވެއެވެ.
ފުލުހުން ބުނީ މިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ނޮވެމްބަރުގެ ތެރޭގައި ޓެރަރިޒަމާއި ދެކޮޅަށް މާލެ އާއި އައްޑޫގެ އިތުރުން ކ.ގުރައިދޫގައި ފުލުހުން ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން 14 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންނަކީ ވެސް އައްޑޫ އަށް ނިސްބަތްވާ މީހުންނެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ބުނީ އެ އޮޕަރޭޝަނުގެ ތެރެއިން ގިނަ ބަޔަކު މަރާލަން ދޭން އުޅުުނު ޓެރަރިޒަމްގެ ހަމަލާއެއް ފެއިލްކޮށްލާފައިވާ ކަމަށެވެ.
