ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ހިޔާވަހިކަން ފޯރިކޮށްދީފައިވާ މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުންނާ، މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފައެވެ.

Ads by Asuru

މޭޔަރު މިއަދު ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ލިބުނު ގެއްލުންތައްވެސް ބައްލަވައިލައްވައިފައެވެ.

ސިޓީ ކައުންސިލުގެ 180އެއްހާ ބިދޭސީ މުވައްޒަފުން ދިރިއުޅެމުން އައި ތިން ބްލޮކަކަށް، މިއަދުގެ ހާދިސާގެ އަސަރުކުރިއިރު، އެ ކައުންސިލުގެ 166 މުވައްޒަފަކު ވަނީ އިމާދުއްދީން ސްކޫލުގެ ވަގުތީ ބޯހިޔާވަހިކަމުގައެވެ. ވަގުތީ ހިޔާގައި މިވަގުތި ތިބި ފަރާތްތަކާ ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައްދަލު ކުރެއްވިއެވެ.

ރޭ ފަތިހު 05:40 ގައި މާލޭގައި ހުންނަ ނީލަން ފިހާރައިގައި ހިފި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ދެ ގަޑިއަރަށްވުރެ ގިނަ އިރު ވީ ފަހުންނެވެ. މި ހާދިސާގެ ސަބަބުން މީހަކަށް އަނިޔާ ނުވިޔަސް، ލަކުޑި އާއި ޕްލާސްޓިކް ފަދަ ތަކެތި ހުންނަ ނީލަން ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ވިއެވެ.

މިފަހުން، މާލެއާ އަތޮޅުތެރޭގައި ހިނގައިދިޔަ މިފަދަ ހާދިސާތައް ހިނގިގޮތާ ގުޅޭ ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.