މާލެ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި އެމްޓީސީސީ އަށް ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭކަމަށް އިޢުލާން ނުކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވަނިކޮށް ކައުންސިލްގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްގައި ކައުންސިލާއި މަޝްވަރާނުކޮށް ސަރުކާރުން ބަހުގެ ޚިދުމަތްވެސް ފަށަން އުޅުމަކީ ލާމަރުކަޒީ ޤާނޫނާއި މުޅިން ޚިލާފު ކަމެއް ކަމުގައި އައިފާން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި އެމްޓީސީން ބަހުގެ ޚިދުމަތް ދޭކަމަށް އިޢުލާނެއް ނުކުރެވޭނެ. އެއީ ޤާނޫނުގައި ބަޔާންކޮށްފައިވޭ މިއީ އަޅުގަނޑުމެންގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް. އެހެންވީމާ ސަރުކާރުން ބޭނުންވިކަމުގައިވިޔަސް އަޅުގަނޑުމެންނާއި މަޝްވަރާނުކޮށް މިފަދަ ކަންކަން ނުކުރެވޭނެ.

އައިފާން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ޤާނޫނުގެ ދަށުން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ދިނުމަކީ އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލެއްގެ ޒިންމާގެ ދަށުގައި އޮންނަކަމެއް ކަމަށެވެ. މިއާއިއެކު އައިފާން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމް ގެ ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އައިފާން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިހައިތަނަށްވެސް މަސައްކަތްކޮށްފައިވަނީ ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދީގެން ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ފަރާތުން މިކަން ފެނިގެންނުދާކަމުގައި ވިދާޅުވެފައެވެ.

އައިފާން އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ވަކި ކަމެއް ފައްޓާތީއޭ ކިޔާފަ ޖެއްސުން ކުރުމުގެ ބޭނުމުގައި މިކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި، ސަރުކާރުން މިގޮތަށް މިކުރާ ކަންތައްތައް ހުއްޓައިލުމަށްފަހު މާލެ ސިޓީ ކައުންސިލަށް ޤާނޫނުން ދީފައިހުރި ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް މަގުފަހިކޮށްދީ ކައުންސިލްގެ އިޙުތިޞާސް ތެރޭގައި ހުރި ކަންތައްތައް ކައުންސިލާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.