ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީކުރި ކުޑަގިރި ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ބުނެފިއެވެ.

Ads by Asuru

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ.

އެޗްޑީސީން ބުނީ އެ ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާ ރަށް އާންމުންނަށް ހުޅުވާލުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ.

މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ.

އެޗްޑީސީން ބުނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ކުޑަގިރީގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެވިގެންދާނެ ކަމަށެވެ.

އަދި ޑައިވިން އަދި ވޯޓަރސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.