މިދިޔަ މޭ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި 245 މައްސަލައިގެ ތެރެއިން 109 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލަ، ޖިންސީ ހާނިކައިގެ 19 މައްސަލަ، ޖިސްމާނީ ހާނިކައިގެ 13 މައްސަލަ، ނަފްސާނީ ހާނިކައިގެ 12 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން (ބްލެކްމެއިލް ކުރުން) 1 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގާނާ ލިބުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ޢާއިލީ މައްސަލަތަކުގެ 24 މައްސަލައަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 54 މައްސަލައަކާއި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 17 މައްސަލައަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ފަސް މައްސަލައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 20 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ.