ސަރުކާރުގެ ”ގެދޮވެރިޔާ“ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަން އަންނަ ފްލެޓްތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް މިހާރު އޮތީ ހުޅުވާލައިފައެވެ.

Ads by Asuru

މި ފްލެޓް މިދިޔަ ހޮނިހިރު ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ބައްލަވާލައްވައިފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުން ދައްކާލި ސާމްޕަލް ފްލެޓް ބަލާލަން، ދާދި ފަހުން އެމްޑީޕީއާ ގުޅުނު ފިލްމު ކުޅެން އުޅުނު މަރިޔަމް ނިޝާވެސް ދިޔައެވެ. ފްލެޓް ބަލަން ގޮސް، ނިޝާ ކުޅުނު ކުރު ޑްރާމާގައި ބުނީ، ވަރަށް ސަޅި ކަމަށާއި، ފްލެޓްތައް ހުރީވެސް، ހީވެސް ނުކުރާ ފެންވަރުގައި ކަމަށެވެ.

ސަރުކާރުގެ ބައެއް ވަޒީރުންވެސް، ނިޝާގެ މި ވީޑިއޯ ޓްވިޓަރގައި ހިއްސާ ކުރެއްވިއެވެ.

ނަމަވެސް ވީޑިއޯއަށް އަމާޒުވީ ގިނަ ބައެއްގެ ފާޑުކިޔުމެވެ. މިގޮތުން ދިފާއީ ވަޒީރު، މާރިޔާ އަހުމަދު ދީދީ ހިއްސާ ކުރެއްވި ވީޑިއޯއަށް ކޮމެންޓް ކުރި މީހުން ބުނީ، ނިޝާ ދިޔައީ ފްލެޓްތައް ބަލާލަން ކަމަށް ބުނުމަކީ ކުށް ބަހެއް ކަމަށާއި، ރަނގަޅު ގޮތަކީ މޮކްއަޕް ފްލެޓް ކަމަށެވެ.

”އަސްލު މާރިޔާއަށްވެސް އިނގޭނެ، ވޯޓު ހޯދަން، މިވަރުގެ ކަންތައް ކުރާކަށް ނުވާނެކަން. މިއީ ގައުމުގެ އާދައިގެ ރައްޔިތުންނަށް ކުރާ މަލާމާތެއްތަ؟ އުޅޭ ހާލުން އަރައިގަންނަން، ބޮޑުންގެ ފައިބުޑަށް އާދޭސް ކުރަން ދާން ޖެއްސުން.“ އެކަކު ކުރި ކޮމެންޓުގައިވެއެވެ.

އިތުރު މީހަކު ބުނީ، ކެމްޕޭނާ ދިމާކޮށް ފްލެޓް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ކޮންމެ މީހަކަށްވެސް ބޯހިޔާވަހިކަން ހައްގު ކަމަށެވެ. އަދި އެއީ ވަކި މީހަކަށް ވޯޓު ދިނުމުން އެކަނި ލިބެން ޖެހޭ ހައްގެއް ނޫން ކަމަށްވެސް ބުނެފައިވެެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

މިއީ މިސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެއެވެ.