ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ މުއިއްޒު މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދަނިކޮށެވެ.

އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ފާޑުފާޑު ޕޯލްތައް ހަދާނެ ކަމެއްނެތް ކަމަށާއި، އިދިކޮޅުގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައިވާއިރު، އެމަނިކުފާނުގެ ވަކީލުން ގެންދަވަނީ، އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމާއެކު، ރިޔާސީ ރޭހަށް ނުކުންނެވުމުގެ ދޮރު މިވަގުތު ބަންދުވެފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން އެކި ވާހަކަތައް ދެކެވެއެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕުން ބުނަނީ، އެއިން އެއްވެސް ބޭފުޅެއްގެ ޝައުގުވެރިކަން، ރިޔާސީ ޓިކެޓަށް ނެތް ކަމަށާއި، ކެންޑިޑޭޓަކީ، ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ދަނީ އެއްވުންތައް ބާއްވަމުންނެވެ. މި އެއްވުންތަކުގެ ތެރެއިން، މޭޔަރު މުއިއްޒު ހިމެނޭހެން، ފުލުހުންް އެތައް ބަޔަކު ހައްޔަރު ކުރިއެވެ.