ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޒާތީކޮށް މުޑުދާރު ކޮށްފި ކަަމަށް، މި ކެމްޕެއިނުގައި ރައީސް ނަޝީދުގެ ފަޅީގައި ހުންނެވި އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Asuru

އީވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާޓިފިޝަލް ބީޗުގައި، މިރޭ 8:30ގައި ރައީސް ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައި އޮތްއިރު، އެ އިވެންޓު ކެންސަލް ވެއްޖެ ކަމަށް ބުނެ، އޭނާގެ ނަމުގައި ފޭކު މެސެޖެއް ދައުރު ކުރަމުން އަންނަ ކަމަށެވެ. ރައީސް ސޯލިހު ޓެގް ކުރައްވައި އީވާ ވިދާޅުވީ، މިއީ ކެމްޕެއިނެއް ޒާތީކޮށް، މުޑުދާރު ކުރިޔަސް ބޮޑުވަރު ކަަމަށެވެ.

ފޭކު މެސެޖުގެ މައްސަލަ ބަލައިދޭން އީވާ ވަނީ، ފުލުހުންނާ އުރީދޫއަށް ގޮވާލާފައެވެ. ރައީސް ނަޝީދުވެސް ވަނީ ދައުރު ކުރަމުންދަނީ ފޭކު މެސެޖެއް ކަމަށާއި، މިރޭގެ ހަރަކާތަށް އެ މަނިކުފާނު ހުންނެވީ ތައްޔާރަށް ކަަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، މި ފެންނަނީ ވާދަވެރިން ބަލިވާ މަންޒަރު ކަމަށެވެ.