ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާމެލާމެލީގެ ބާވަތްތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސްގެ 2023ގެ ޑެސްކް ކަލަންޑަރު، ގްރޯ ވިތު އުރީދޫ، އިއްޔެ އިފްތިތާހުކޮށްފިއެވެ.

Ads by Asuru

’ގްރޯ ވިތު އުރީދޫ‘ މި ޝިއާރު މި އަހަރުގެ ކަލަންޑަރަށް ހަމަޖެއްސީ މިއީ އުރީދުއަށް 18 އަހަރު ފުރޭ އަހަރަށް ވުމާ އެކުގައެވެ.

 

ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި، އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) މެދުވެރިކޮށް މި ކަލަންޑަރުން ތަޖުރިބާކޮށްލުމުގެ އިތުރުން ކޮންމެ މަހަކަށް ހާއްސަ މާ ގަހުގެ އޮށާއި ގަސް އިންދަން 12 ގަސް ޕޮޓު ވެސް ކަލަންޑަރާ އެކު ލިބެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މިއީ އީޖާދީ ކަލަންޑަރެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަލަންޑަރުގެ ސަބަބުން އަމިއްލައަށް ގަސް ހައްދަން އިތުރު ހިތްވަރަކަށް ވެސް ވާނެއެވެ.

”މި ކަލަންޑަރުން ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ތަސައްވުރު ކޮށްލެވޭނެ،“ އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް.“

ކަލަންޑަރު އިފްތިތާހުކުރި ހަފްލާގައި އުރީދޫން ވަނީ ގްރޯ ވިތު އުރީދޫ ކެމްޕޭނުގެ އެމްބެސެޑަރަކަށް ރަމްޒީ ހުސައިން ނުވަތަ މަޝްހޫރު ނަމުންނަމަ ’ޒުވާން ދަނޑުވެރިޔާ‘ ހަމަޖައްސައިފައެވެ. އުރީދޫން ބުނީ ޒުވާން ދަނޑުވެރިޔާއާ އެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވައިފައިވާ ކަމަށެވެ.

ގްރޯ ވިތު އުރީދޫ ކަލަންޑަރު 2023އާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.