ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރުއޫގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ”ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް“ ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު، ސާއޯ ސިއޯ މިންއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ސިސްޓަމުތަކުގެ ސަބަބުން، އަހަރަކު އަހަރަކު 47 މިލިއަން ރުފިޔާ ސަލާމަތްކުރެވި، 7900 ޓަނުގެ ކާރބަންޑައި އޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށެވެ.
ޖުމުލަ 18.24 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން އެއް އަހަރު ތެރޭގައި މަސައްކަތް އެއްކޮށް ނިންމަންޖެހެއެވެ.
