ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންބޮޑު އުނދަގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ، ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަޙުމަތްތެރިޔާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި، އިންޑިއާގެ ރައީސާ ދްރައުޕަތީ މުރުމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި ދުވަހުގެ ހެޔޮއެދުންތަކާއި ތަޙްނިޔާ ފޮނުއްވާފައެވެ.
މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެއާ އިންޑިއާ އާދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ފޯރުކޮށް ދެމުންގެންދާ އެހީތަކަށާއި، ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރި މައްސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރައްވާފައެވެ.
އަދި އިންޑިއާގެ ޖުމްހޫރީ ޙަޔާތުން މިފެށުނު އައު އަހަރުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާއަކީ އެޤައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ޤައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށެވެ. އަދި އިންޑިއާގެ ޤާނޫނު އަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަޞައްވުރަކީ ފުރިހަމަ ނަމޫނާއެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
