އެމްޑީޕީގެ ޗެއާޕާސަން، އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ ކުޅަދާނަ ބޭފުޅެއް ކަމަށާއި، އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައި އޮތް ދެ ފެކްޝަން ގެންގުޅެން ފައްޔާޒަށް އެނގިވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ދިވެހި ޗެނަލަށް ރޭ ދެއްވި އެކްސްކްލޫޒިވް އިންޓަރވިޔުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ފަނޑު ނުވެ އޮތަސް، އެ ޕާޓީއަށްވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި އުފައްދާފައިވާ ސިޔާސީ ޕާޓީތައްވެސް ބައިބައިވާ ކަމަށެވެ.

”އެމްޑީޕީ ތެރޭގައި ހަމަ ގައިމުވެސް ދެ ފެކްޝަން އެބައޮތް. އެ ދެ ފެކްޝަން، ދެން އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގެ ޗެއާޕާސަން އަކީ ކުޅަދާނަ މީހެއް. އޭނައަށް އިނގެންޖެހޭނެ ދެ ފެކްޝަން ގެންގުޅެން. އިނގޭނެވެސްމެ.“

އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުގައި، ރައީސް ނަޝީދު މަސައްކަތްކުރައްވަމުން އަންނަނީ ”ފިކުރެއްގެ ދިރުން“ ނަމުގައި ގޮފިތަކެއް އުފެއްދެވުމަށެވެ.

އެ ގޮފިތަކަށް 50،000 މީހުން ހަމަކޮށް، އެމްޑީޕީން ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.