ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީ.ގެ ދުބާއިއަށް ފުރާވަޑައިގެންފިއެވެ.

Ads by Asuru

ވޯލްޑް ގަވަރމަންޓް ސަމިޓް 2023 މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 އިން 15 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީ ގެ ބޮޑުވަޒީރު، ޔޫ.އޭ.އީ.ގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ސަމިޓުކުރިޔަށް ގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު 6 ތީމެއް ކަނޑައަޅައިގެންނެވެ. މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، މުސްތަޤްބަލަށް މުހިންމުވާނެ ތަރައްޤީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދަވާނެއެވެ.

މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ސަރުކާރާއި ޔޫ.އޭ.އީ. ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ”މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް“ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.