މާލެއިން ގެއްލިގެން މިދިޔަ އާދިއްތަ ދުވަހު ހޯދަން އިއުލާނުކުރި ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Asuru

ފުލުހުން ބުނީ އާސިރު ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތަކާއި އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގެ ފުޓޭޖުތައް ވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން ބެލި ބެލުމުން މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ 19:20 ހާއިރު ބޮޑުތަކުރުފާނު މަގު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށެވެ.

އެ ޓެކްސީ ގޮސް އެއާޕޯޓު ޓާމިނަލް އަށް މަޑުކުރުމުން އާސިރު ޓެކްސީ އިން ފައިބައިގެން ގޮސް ޓާމިނަލް އަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއްވެސް އެއާލައިނުން ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް އާސިރު ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ އާސިރު ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތަކާއި އެއާޕޯޓުގެ އިތުރު ސަރަހައްދުތަކުގެ ފުޓޭކުތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މަދުވެރިކޮށްގެން ވެސް އޭނާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.