މާލޭގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކާ މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކައުންސިލްގެ މައި އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކުން އެ ފަރާތްތަކަށް ދިމާވާ ދަތި ކަންތައްތައް މޭޔަރ އަށް ހުށަހެޅިއެވެ. އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރީ ދާދިފަހުން އެތަނުގައި އަލިފާން ރޯވުމުގެ ސަބަބުން މިވަގުތު މަސައްކަތްކުރާނެ ތަނެއް ނެތި ގެއްލުންވަމުންދާތީ ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖައްސަވައިދެއްވުމަށެވެ. މީގެއިތުރުން ނީލަން މުދާވިއްކާނެ ތަނެއް ތަރައްޤީކުރާނަމަ އެތަނުގައި ހުންނަންޖެހޭ ބައެއް ކަންކަމުގެ މަޝްވަރާއާއި ޚިޔާލުތައް ހިއްސާކުރިއެވެ.
މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނީލަން މުދާ ވިއްކަން ޚާއްޞަ ތަނެއް ހުންނަންޖެހޭކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓްރިއަލް ވިލެޖްކަމުގައި ކައުންސިލަށް ގަބޫލުކުރެވޭތީއާއި އެތަނަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށެވެ.
މިގޮތަށް ދެންނެވުމުން އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއްކަމަށް ޖަވާބުދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫންކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުންކަމަށްވެފައި އެ މުވައްސަސާއިން އެކަމަށް ހުއްދަދީފައިނުވާތީ ކަމަށެވެ. 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރީއްސުރެ މިކަމަށް މަސައްކަތްކުރިކަމުގައިވިއަސް މިހާތަނަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ. އެހެން ނަމަވެސް ނީލަން މުދާ ވިއްކާ ފަރާތްތަކުގެ އަޑުއައްސަވައި ހައްލެއް ގެނެސްދިނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ނީލަން މުދާ ވިއްކަމުން އައި ސަރަޙައްދުގައި ދާދިފަހުން ރޯވެ އަނދައި ހުލިވުމާގުޅިގެން މިވަގުތު ނީލަން މުދާ ވިއްކާނެތަނެއް އަދި ހަމަޖެހިފައިނުވެއެވެ.