އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 560 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by Asuru
އުރީދޫން މިރޭ ބުނީ، އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ، އަށް ޕަސަންޓަށް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި ޓެކްސްއަށް ކެނޑުމަށްފަހު 560 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އުރީދޫން ބުންޏެވެ.

މިދިޔަ އަހަރު ނިމުނު އިރު، އުރީދޫގެ ޖުމްލަ އެސެޓް ބޭސް އަކީ 2.44 ބިލިއަން ރުފިޔާ ކަމަށާއި ނެޓް އެސެޓެސްގެ އަދަދަކީ 1.46 ބިލިއަން ރުފިޔާ ކަމަށް އުރީދޫން ބުންޏެވެ.

ދެހާސް އެކާވިސް ވަނަ އަހަރު އެ ކުންފުނީގެ ރިޓާން އޮން ކެޕިޓަލް އެމްޕްލޯއިޑް (އާރްއޯސީއީ) އަކީ 23.3 ޕަސެންޓް ކަމަށެވެ. އަދި މިދިޔަ އަހަރު އެކުންފުނީގެ އާރްއޯސީއީއަކީ 2.8 ޕަސެންޓު ކަމަށް އުރީދޫން ބުންޏެވެ.

ނެޓްވޯކް ކެޕޭސިޓީ އާއި ކަވަރޭޖް ފުޅާކޮށް ރަނގަޅުކުރުމަށް އަދި ޑޮމެސްޓިކް ސަބްމެރިން ކޭބަލް ގާއިމުކުރުމަށާއި 5ޖީ ޕްރޮޖެކްޓް ހިންގުމަށް އަދި ޑީއެސް ސޮލިއުޝަން އުފެއްދުމަށް މިދިޔަ އަހަރު އެ ކުންފުނިން 379 މިލިއަން ރުފިޔާ އިންވެސްޓު ކުރި ކަމަށް އުރީދޫން ބުންޏެވެ.

ދެހާސް އެކާވިސް ވަނަ އަހަރު ކެޕިޓަލް ހަރަދު އުނިކުރުމަށްފަހު ކުންފުނީގެ މަސައްކަތްތަކުން ލިބިފައިވަނީ 589 މިލިއަން ރުފިޔާ ކަމަށާއި މިދިޔަ އަހަރު އެ އަދަދު 691 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް އުރީދޫން ބުންޏެވެ.