ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަޙްމަދާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި ނަޝީދު ފެކްޝަނުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން މީޑިއާއަށް ހާމަކުރައްވައިފައެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު ވަނީ ބަލި ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ, ރައީސް ޞާލިޙާއެކު ވެސް ނުހުންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ނަޝީދު އަމާޒު ހިފާފައިވަނީ ރިޔާސީ އިންތިޚާބަށް ޤާސިމް ނެރުއްވައި އޭނާގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް ކަމަށް ބުނާ އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ.