ރާއްޖޭގެ ރައީސްގެ މަގާމަށް ވަޑައިގެންނެވުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Asuru
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރަން ގޮވާލައި ސަޕޯޓަރުންތަކެއް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ހިންގަމުން ދަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ސޯޝަމް މޯ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެރިކަމަކީ ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

އޭނަ ވިދާޅުވީ ހަޔާތުގެ ވަރަށް ބޮޑު ބައެއްގައި ބައްޕާފުޅު ރައީސްގެ ޒިންމާ އަދާކުރެއްވި ތަން ދެކިވަޑައިގެންނެވި ކަމަށާއި އެއީ ފަސޭހަ ކަމެއް ވެސް ނޫން ކަމަށެވެ.

ފާރިސް ވިދާޅުވި ގޮތުގައި ވެރިކަމަކީ އެތައް ލައްކަ މީހުންގެ މަސްލަހަތާއި ދުޅަހެޔޮކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ކޮނޑުގައި އެޅިފައިވާ ކަމެއް ކަމަށާއި އެއީ އިނާމެއްގެ ގޮތަށް ނުވަތަ މެޑަލްއެއް ގޮތަށް ހޯދާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ފާރިސްގެ ބައްޕާފުޅު މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅެކެވެ.

އޭނަ ވިދާޅުވީ ގައުމުގެ މުސްތަޤްބަލް ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.