ވިލިމާލޭ މާރުކޭޓުގެ ހަތަރު މަހުގެ ކުލި މައާފުކޮށް، މާލޭގެ މާރުކޭޓުގެ ކުލި ކުޑަކޮށްފިއެވެ.

Ads by Asuru

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ވިލިމާލޭ ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި މި މަސް ހިމެނޭހެން ހަތަރު މަސްވަންދެން ނުނެގުމަށް އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ހަމަ އެއާއެކު، މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ކުލި 30 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވިި ގޮތުގައި ވިލިމާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ފީ ހަތަރު މަހުގެ ނިޔަލަށް ނުނަގަން ނިންމީ އެ މާރުކޭޓަކީ އަލަށް ހުޅުވާ ތަނަކަށް ވާތީ ކަމަށެވެ.

”އަދި އެސްޓެބްލިޝް ވާން ވެސް ބޮޑު ޚަރަދުތަކެއް ހިނގާނެ. އެހެންވީމަ އިންސެންޓިވް އެއްގެ ގޮތުން މި ހަތަރު މަހުގެ ކުލި ނުނަގާ ގޮތަށް ނިންމީ،“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ފީ 30 ޕަސެންޓް ކުޑަ ކުރަން ނިންމީ ހުރިހާ ޚަރަދުތަކެއް ބޮޑުވެ، އާއްމުންގެ އަތްމަތި ދަތި ދަނޑިވަޅަކަށް ވުމުގެ އިތުރުން ރަމަޟާން މަހަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.