ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ހޯދުމަށް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާނު ކުރައްވައިފިއެވެ.

Ads by Asuru

މި މަޝްރޫޢު އަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ”އެފޯޑަބަލް ހައުސިން ސްކީމް ޕްރޮޖެކްޓް“ގެ ދަށު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

ފިނޭންސް މިނިސްޓްރީން ކުރެއްވި އިޢުލާނުގައިވާ ގޮތުން ކޮންސަލްޓަންސީ ފާމުން ކުރަންޖެހޭ މަސައްކަތްތަކަކީ ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި، އީއައިއޭ ރިޕޯޓް ތައްޔާރުކުރުމާއި، ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުން އަދި ކޮންޓްރެކްޓަރގެ މަސައްކަތްް ސުޕަރވައިޒް ކުރުމެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ ”ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލޓަންޓްސް“ އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) އުޞޫލުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 26 ގެ ކުރިން، ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ ހުށަހަޅަން ޖެހެއެވެ.