ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ހަވާލުކޮށްފައި ވަނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ލިބުނު ”އެންކްރިއާ ޕްރައިވެޓް ލިމިޓެޑް“ އާއެވެ.
ޑީއެންއާރުން ބުނީ އެ ޑިޕާޓްމެންޓުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކީ ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.
އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑީ ކާޑެއް ހެދުމުގެ މަސައްކަތަކީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމި ނިންމުގެ ދަށުން ކުރާ މަސައްކަތެކެވެ. ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެއެވެ.
އަދި އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމުކުރަން ނިންމިއެވެ.
އެ ޕްލެޓްފޯމް ގާއިމްކޮށް ދައުލަތުގެ އިދާރާތަކަށާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ހިދުމަތް ދިނުމަށް ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެއެވެ.
