އަދާލަތު ޕާޓީގެ އިލްމުވެރިންނަކީ ހައްގު ބަސް ވިދާޅުވުމަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅުންނެެއް ނޫން ކަމަށް ވިދާޅުވެ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަޙުމަދަށް ރައްދު ދެއްވައިފިއެވެ.
ޑރ.ޖަމީލު އިއްޔެ މީސްމީޑިއާގައި ވަނީ އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިންގެ އިޙުލާސްތެރިކަމާމެދު ސުވާލު އުފައްދަވައިފައެވެ.
ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި އައިޓީބީ ބަރލިން ފެއާގައި ދިވެހި ސަގާފަތް ދައްކައިދިނުމަށް ރާއްޖޭގެ ގުރޫޕަކުން ހުށަހަޅައިދިން ނެށުމާ ގުޅިގެން ޢަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ޑރ.ޖަމީލު ވަނީ، އެ ބޭފުޅުން ސެންސިޓިވް ވީ ކަމަށް ހެދެން އުޅުއްވަން އެ ފަދަ ވާހަކަ ދެއްކެވީ ކަމަށް ވިދާޅުވެފައެވެ.
ޖަމީލު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް ބައިވަރު ލާދީނީ ކަންތައް ހިނގަމުން އަންނައިރު, އެކަމާ އެއްޗެއް ވިދާޅުނުވެ އެ ބޭފުޅުން އަދިވެސް ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބައިއަތު ހިފައިގެން ކަމުގައެވެ.
މިކަމަށް ރައްދު ދެއްވައި އިޔާޒު ވިދާޅުވީ ޢަދާލަތުގެ ކޮންމެ ެއިލްމުވެރިޔަކު ވެސް ހައްގު ބަސް ބުނުމުގެ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
”އެހެން ވިލާތަކަށް ގޮސް އޮއްގާ އުކާކަށް ނުހަދާނެ.“ޑރ. އިޔާޒު ވިދާޅުވިއެވެ.
ޑރ.އިޔާޒު ވިދާޅުވީ އަދާލަތުގެ އިލްމުވެރިންނަކީ ކެރިގެން ޒިންމާ އަދާކުރައްވާނެ ބޭފުޅުން ކަމުގައެވެ.
