ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިސް ބޭފުޅުންތަކެއް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)އާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން އޮތީ، އުއްޗުގެ ކުރެއްދޫ އައިލެންޑް ރިސޯޓްގައެވެ.

މި ބައްދަލުވުމަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި ރައީސް ޞާލިޙުގެ ކޮއްކޮ، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙުމަދެވެ.

މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްޞީލެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި މި ބައްދަލުކުރެއްވުމަކީ، މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ރައީސް ޞާލިޙާއެކުގައި ރިޔާސީ ރޭހަށް ނުކުންނަން ޢަދާލަތު ޕާޓީއާ އެމްޑީއޭއިން ނިންމައިފައިވާއިރު، ޖޭޕީން ނިންމީ ރިޔާސީ އިންތިޚާބަށް ވަކިން ނުކުންނާށެވެ.

އަދި އެމްއާރްއެމުން ވަކި ގޮތެއް ނިންމައިފައިވައިނުވާއިރު، ރައީސް ޞާލިޙު މިއަދު ވަނީ، ރައީސް މައުމޫން އަބްދުލްޤައްޔޫމާ ބައްދަލު ކުރައްވައިފައެވެ.