ސަރުކާރުން އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނުދައްކާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށާއި ވަޒީފާއިން ދާދިފަހުން ވަކިކޮށްފައިވާނީ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުން ކަމަށެވެ.

ސިޔާސީ މަގާމުތަކަކީ ކޮންޓްރެކްޓަކާ ނުލައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އައްޔަންކުރާ މަގާމުތަކެއް ކަމަށްވާތީ އެ މަގާމުތަކުން މީހުން ވަކިކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށާއި ހެނދުނު ނިކުމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އުޅެފައި, ރޭގަނޑުވުމުން އެއް ފިކުރެއްގެ މީހުންނާއެކު ނުކުމެ ސިޔާސަތުތައް ގޯސްކޮށްފައި ވާހަކަ ދައްކާނަމަ އެ މީހަކު އެ މަގާމެއްގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.