ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.

Ads by Asuru

ސާފިލް އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސާފިލް ގުޅީ ކައުންސިލަށް އިންތހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.

ރައީސް ސޯލިހު ކ. ގުޅި އަށް ވަޑައިގެންނެވީ ހުސްވެފައިވާ ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމުގެ ގޮތުންނެވެ. ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ އިބްރާހީމް ޝާޒްއެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. އެ ގޮނޑި އަށް ބޭފުޅަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ މި މަހުގެ 15 ގައެވެ.