އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން، އެ ޕާޓީގެ ރައީީސް މުހައްމަދު ނަޝީދު ހާވަނީ ހަޑި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގެ މެމްބަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕީޕީއެމަށް ކާމިޔާބު ކޮށްދޭން އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން އެހީވި ކަމަށް ބުނެ، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަން އާދަމް ޝަރީފް ވަނީ ޕީޕީއެމަށް ގޮނޑި ކާމިޔާބުކޮށްދޭން މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.
އޭނާ ވަނީ ވަކިން ހާއްސަކޮށް އެމްޑީޕީގެ ”ފިކުރެއްގެ ދިރުން“ ފެކްޝަންގެ ފަރާތުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.
”މި އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކޮށްދިނުމަށް ފިކުރެއްގެ ދިރުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދެއްވާފައި ވާތީ އެބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،“ އާދަމް ޝަރީފް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ މިއީ އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން ނަޝީދު ހާވާފައި ހުރި ހަޑި ކަމަށާއި ނަޝީދު ގެންދަވަނީ އަމިއްލަ އެދުމައިގެން ދުނިޔޭގައި ލެއްވިހާ ހަޑިއެއް ހާވަމުން ކަމަށެވެ.
އަދި އެމްޑީޕީ އަށް އެކަހަލަ ރައީސެއް ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ޑިމޮކްރަސީގެ ބައްޕަޔޯ! ޕާޓީގެ އާންމު މެންބަރުން 17 އަހަރުވަންދެން ކުރި މަސައްކަތް ބޮލާލާ ޖަހާފަ އަމިއްލަ އެދުމައިގެން ދުނިޔޭގަ ލެއްވިހާ ހަޑިއެއްހާވަމުން މި ވަޑައިންނަވަނީ! އެމްޑީޕީއަކަށް ތިކަހަލަ ރައިސެއް ބޭނުމެއް ނުވޭ.“ ރޮޒައިނާ ވިދާޅުވިއެވެ.