މޮރިޝަސްއާއި ރާއްޖޭގެ ކަނޑު އިން ވަކިކުރުމާއި ގުޅޭ މައްސަލަ ނިމުނު ގޮތުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިއްޖެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ޗާގޯސް އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން، މިހާރު މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ.
އަދި އިޓްލޮސްގެ ނިންމުން ބަލައިނުގަތުމަކީ ރާއްޖެއަށް ރަނގަޅު ގޮތްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއާއި ޗާގޯސް އާކިޕަގޯއާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިގްތިސާދީ ހާއްސަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައިނުވާތީ، އެ ސަރަހައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.
އިޓްލޮސްއިން މިއަދު މެންދުރު ފަހު އިއްވި ހުކުމްގައި ބުނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
ހުކުމާއެކު ރާއްޖޭގެ ކަނޑުން 50،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިވެހިންނަށް މިވަނީ ގެއްލިފައެވެ.
