މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތައް ބަލަަހައްޓަން މާލެސިޓީ ކައުންސިލްގެ 80 މުވައްޒަފުން މަގުފާރަވެރިން ނުވަތަ ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާން ފަށާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެސީޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވިދާޅުވީ މަގުފާރަވެރިންނަކީ ކައުންސިލްގެ މިދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ މަޤްޞަދަކީ މާލެސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށެވެ.
މަގުފާރަވެރިން މަގުތަކުގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށް ބަހާލައިގެންނެވެ. ރޭގަނޑު 12 އިން 8 އަށް ފިޔަވާ ހުރިހާ ވަގުތެއްގައި މަގުތަކުގައި ޑިއުޓީ ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ މުވައްޒަފުން ތަމްރީނު ކުރުމާއި، ހުރިހާ މުވައްޒަފުންގެ ޔުނީފޯމު ހަމަކުރުމުގެ މަސައްކަތްތައް ކަމާއި އެކަންކަން އަންނަ ހަފްތާގެ ތެރޭގައި ނިމި ޚިދުމަތްފެށޭވަރު ވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
ކައުންސލްގެ މުވައްޒަފުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އެމީހެއްގެ އެއްބާރުލުމާއެކު މައްސަލަ ހައްލު ކުރަން ކަމަށް މޭޔަރު ވިދާޅުވިއެވެ.
ނަމަވެސް މަރުހަލާތަކަށްފަހު ވެސް މައްސަލަ ހައްލު ނުކޮށްފިނަމަ، ފިޔަވަޅު އަޅައި ޖޫރިމަނާވެސް ކުރާނެއެވެ.
”ފުރަތަމަ ދެތިން މަހު އަޅުގަނޑުމެން ހަމަ ފައިސާއިން ޖޫރިމަނާކުރުން ކަހަލަ ކަމެއްވެސް ނުކުރާނަން. އެވެއާ ކޮށްދީގެން ކަން ކުރަންވީގޮތް ދައްކައިގެން ހަމަ މަގަން އެޅުވުން މަޤްޞަދަކީ “
މޭޔަރު ވިދާޅުވިއެވެ.
މި މުވައްޒަފުންނަށް މަގުފާރަވެރިން ކިޔަން ކުރިން ނިންމާފައި އޮތް ނަމަވެސް އެ ނަން ”ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސާސް“ އަށް ބަދަލުކުރަން އިއްޔެ ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ނަން ބަދަލުކުރަން ނިންމި ސަބަބެއް ކަމަށް މޭޔަރު ވިދާޅުވީ އެއީ ކޮމިއުނިޓީއާ ވަރަށް އެންގޭޖުވާ މަސައްކަތަކަށް ވެފައި، މީހުން ކުށްވެރިކުރަން ކުރާ ކަމަކަށް ނުވާތީއެވެ.