ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީންކުރައްވާފައިވާ އަގުހުރި ތާރީހީ މަސައްކަތްކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވީ، ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށެވެ. މިގޮތުން ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދު އުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތް ތަރައްގީ ކުރުންކަމަށާއި، އެއީ ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުންކަމަށެވެ. އަދި ގައުމު، ގައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަމަސައްކަތުން ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރޭ ހުޅުވިގެން ދިޔަ، ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މިފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

އަދި މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.