މާލެ-ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް އަދިވެސް އެ ސަރަހައްދުން ބައެއް އުޅަނދުތައް ދަތުރުކުރާތީ އެގޮތަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

Ads by Asuru

ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ ކަނޑުއޮޅި ހުރަސްކޮށް ދަތުުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކުރީ މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުއެވެ.

ނަމަވެސް މި ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މިހާރު ވަނީ އާންމުވެފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަނޑުއޮޅިން ދަތުުރުކުރާ ކަމުގެ ޝަކުވާ މިހާރަކަށް އައިސް ލިބެމުންދާތީ އެ ސަރަހައްދުން އުޅަނދުތައް ދުއްވާ މީހުންގެ ލައިސަންސް ހިފަހައްޓާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން ލައިސަންސް ހިފަހައްޓަން ނިންމާފައިވަނީ އެއްމަސް ދުވަހަށެވެ.

މި އިއުލާނުގައި ވަނީ މާލެ-ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައިވާކަން ހަނދާންވެސް ކޮށްދީފައެވެ.