މާލެ ސިޓީގައި ލާމަރުކަޒީ ފުރިހަމައަށް ތަންފީޒު ނުވާ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު  މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގްރާމުގައި މާލެސިޓީގެ އިހްތިސޯސްގެ ދަށުގައިވާ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ އަވަށެއް ކަމުގައިވާ ހުޅުމާލޭގެ ވަރަށް މަދު ކަމެއް ނޫނީ މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިނުވާ ކަމަށެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ވައިޓަލް ސާރވިސް ފޯރުކޮށްދިނުމާއި ސަހަރާ އަދި މިސްކިތްތައް ބެލެހެއްޓުން ފަދަ މަދު ކަންކަން ކަމަށް ވިދާޅުވިއެވެ.

”މިސާލަކަށް ހުޅުމާލޭގައި އަމިއްލަ ފަރާތަކުން މިސްކިތެއް ހަދާފާނެ. އަޅުގަނޑުމެންނަށް ސަރުކާރުން އަންނާނީ ސިޓީއެއް މިހާރުން ފެށިގެން މިސްކިތާއި ހަވާލުވާށޭ. ނާންނާނެ މިކަމާއި ގުޅިގެން ބަޖެޓް އިމްޕްރޫވްމަންޓެއް. އެއާއި ގުޅިގެން މީހުން ނަގާކަށް ވެސް. އެހެން ހަމަ ހުރިހާ ކަމެއް ވެސް މިދަނީ.“

މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށް ނުލިބެނީ ވަރަށް ކުދިކުދި ކަންކަމުގައި ކަމަށާއި އެއީ ސަރުކާރުގެ ތެރޭގައި ހައްލުވާނެ ޖެހޭނެ ކަންކަން ކަމަށެވެ.

މާލެ ސިޓީގެ އިހްތިސޯސްގެ ތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭއިރު ދެ ކަމެއް ފިޔަވާ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކުންފުނި އާބަންކޯ އިންނެވެ.